ސިޓީ ލިޔާ ފޯމެޓަށް މަދަރުސާގައި މާކްސް ލިބެއެވެ. ޖަވާބުދޭ ގޮތަށް މާކްސް ދޭނީ ކޮން އިދާރާއަކުން؟

ގާތްގަނޑަކަށް ގުރޭޑް 5 ން ފެށިގެން ދިވެހި ކުލާސް ގަޑީގައި ދަރިވަރުންނަށް ރަސްމީ ސިޓީއެއް ލިޔާނެ ފޯމެޓާއި ތަރުތީބު ދަސްކޮށްދެއެވެ. ސިޓީ ލިޔާނެ ގޮތެވެ. ތަރުތީބުތަކެވެ. އަމިއްލަ ސިޓީއާއި ރަސްމީ ސިޓީ ތަކުގެ ތަފާތެވެ. ސިޓީ ފޮނުވާ މީހާގެ އެޑްރެސް،ތާރީޚު ޖަހާނެތަން، މުޚާތަބުކުރާނެ ގޮތާއި، ސިޓީ ނިންމާލާނެ ގޮތެވެ. އިޙްތިރާމް ޤަބޫލުކުރުން އެދުމާއި، ޚާދިމެއްކަމުގައި ބުނާނެ ގޮތެވެ. ސިޓީގެ ޢިބާރާތް ކިތަންމެ ރަނގަޅަސް، ފޯމެޓު އޮންނަ ގޮތް ރަނގަޅު ނޫންނަމަ ލިބެންއޮތް މާކްސް ގެއްލެއެވެ.

ސިޓީއާއި ގުޅޭ އުޞޫލުތަކަށް އަޅުގަނޑުމެން މިދޭ ސަމާލުކަމަކީ އިއްޔެއަކު މިއަދަކު އުފަންވި ކަމެއް ނޫނެވެ. 1968 ވަނަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2/68 (އޮފިޝަލް ކަންތައްތައް ޗެޕްޓަރ 2 ޤާނޫނު) ގެ 06 ވަނަ މާއްދާ އަށް ބަލާއިރު، ރަސްމީ ސިޓީ އަކީ ވަކި ނިޒާމެއްގެ ދަށުން ރަސްމީކޮށް ތަރުތީބު ކުރެވިފައިވާ އޮތް ޤާނޫނީ ޙައިސިއްޔަތެއްވެސް ލިބި އޮތްކަމެއްކަން އެނގެއެވެ. އެހެންކަމުން ސިޓީއެއް ލިޔަން ޖެހޭ ގޮތާއި، އެސިޓީއެއް ފޮނުވާންޖެހޭ އިޖުރާއީ އުޞޫލުތައް އެނގި ދަސްވެފައިވާތާ މިހާރު ބައިގަރުނަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ސިޓީއެއް ލިޔާނެ ގޮތް، ވަކިން ޚާއްޞަކޮށް ރަސްމީ ސިޓީއެއް ލިޔާންވީ ގޮތް ދަސްކޮށް އެކަން ކުރުމުގެ މާހިރުންނަށް ވެފައިވާއިރު، ސިޓީއެއް އެ އޮންނަން ޖެހޭ ފޯމެޓުގައި ފޮނުވާ އެ ސިޓީ ރައްދުކުރުމަށްފަހު ދެން ކަން ހިނގާނެ ގޮތަކާއި މެދު އުފެދިފައިވާ ޤާނޫނީ އޮޅުން ބޮޅުމާއި އިޖުރާއާތުތައް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެކަމުގެ މައްޗަށް ހުރި ސުވާލުތަކުގެ ޖަވާބު ޤާނޫނަކުންވެސް އަދި ދިވެހި މާއްދާ ކިޔަވައިދޭ ކުލާހަކުންވެސް ދަސްކޮށްދެވިފައި އޮތްކަމަކަށް ނުފެނެއެވެ.

"ކަމާބެހޭ ބޮޑު މީހާއަށް ސިޓީއެއް ލިޔެލާ" ރަސްމީ އިދާރާއަކާ މުޢާމަލާތެއް ފަށާނެ ގޮތުގެ އާއްމު އިރުޝާދެވެ. ސުވާލެއް ކުރިޔަސް، އިދާރާގެ ކައުންޓަރަށް ދިޔަޔަސް،އީމެއިލެއް ފޮނުވިޔަސް އެންމެ ފުރަތަމަ ދޭނެ އިރުޝާދަކީ ސިޓީ އެއް ލުމަށެވެ. ބައެއްފަހަރު ސިޓީ ލިޔަން ބުނާ މީހަކީ އެ ވަގުތު ސީދާ ޖަވާބެއް ދެވިދާނެ މީހާކަމުގައި ވީނަމަވެހެވެ.

ރަސްމީ އިދާރާތަކަށް ފޮނުވާ ސިޓީތަކަށް ދެވޭ ގަދަރާއި މުހިއްމު ކަމުގެ ބޮޑުކަމުން، މިކަން ކުރުމުގައި އާމްދަނީ ހޯދާނެ ސިނާޢާތެއްވެސް އުފެދިފައި އޮވެއެވެ. ދައުލަތުގެ އިދާރާތަކަށާއި، އިސްވެރިންނަށާއި، ދެންވެސް ހުރި އެފަދަ ބޮޑެތި ބޮޑެތި މަންދޫބުންނަށް ފޮނުވާ ސިޓީތައް ތައްޔާރުކޮށްދިނުމަށް ބޮޑެތި އަގުތައް ނަގާމީހުންވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ސިޓީގެ "ކަސްޓަމަރުން" ބޮޑު އަގު ދީގެން ސިޓީ ލިޔުމަށް ފައިސާދައްކަނީ، މޮޅު ފޯމެޓަކާއި، ޤާނޫނީ މާއްދާތަކާއި، ޕެރެގްރާފް ހިމަނާލީމާ ސިޓީއަށް އިދާރާތަކުން އިތުރަށް ސަމާލުކަން ލިބޭނެކަމަށް ހީވާތީއެވެ. ކަން ހިނގާފައިވާ ގޮތާއި، މައްސަލައާއި، ބޭނުންވާ ޙައްލު ފަށުވި ޢިބާރާތުން ސިޓީ ލިޔާ ލިޔުންތެރިން ބުނެދެއެވެ. ކިތަންމެ ހިތް ހަމަ ނުޖެހިފައި ހުއްޓަސް، ސިޓީގެ ބަހުރަވަ އޮންނާންޖެހެނީ ރަސްމީ ސިޓީއަކަށްވާތީ އަދަބު އިޙުތިރާމާއި އެކުގައެވެ. އިޙުތިރާމް ކުރަން ހިތް ނޭދުނަސް ސިޓީގެ ފަހަތުގައި އިޙްތިރާމް ޤަބޫލުކުރަން އެދެން ޖެހުން ކުޑައިރު ދަސްކޮށްދީފައިވާތީއެވެ.

އެހެންނަމަވެސް މިވަރުން ސިޓީ ލިޔެދިނުމުގެ ޚިދުމަތް ނިމުނީކަމަށް މިހާރު ބެލެވޭކަށް ނެތެވެ. އެ ސިޓީއެއް އިދާރާއަށް ފޯރުވާ، އެ ސިޓީ އިދާރާއިން ކިޔުއްވާ، ޖަވާބެއް ހޯދައިދޭނެ ޚިދުމަތެއްވެސް ބޭނުންވެއެވެ. ސިޓީ ލިޔެދޭ ސިނާޢަތަށް މިވަނީ އައު ޕެކޭޖްތަކެއް ތަޢާރަފު ކުރަން ޖެހިފައެވެ. އާދައިގެ ޕެކޭޖުގައި ސިޓީ ޑްރާފްޓްކޮށް އިދާރާއަށް ހުށަހެޅުން ހިމެނިދާނެއެވެ. "ޕްރީމިއަމް" ޕެކޭޖުގައި ސިޓީއާއި ޙަވާލުވާނެ އިސް މުވައްޒަފަކު ދެނެގަނެ، ސިޓީ ކަމާބެހޭ އިދާރާއަށް ފޯރިކަން ކަށަވަރުކޮށް، ގަވާޢިދު ފޮލޯއަޕްކޮށް، އެ ސިޓީ އެ އިދާރާގައި އޮތްކަން ހަނދާންކޮށްދިނުމުގައި ދެމިހުރެވިދާނެއެވެ. އެންމެ އަގު ބޮޑު ޕެކޭޖުގައި، ކަމާބެހޭ އިސްވެރިއަކު ސިޓީ ހިފަހައްޓައިގެން ހުންނަވަނިކޮށް ނަގާ ފޮޓޯ ހިމެނިދާނެއެވެ. ސިޓީ އޭގެ މަންޒިލަށް ވާސިލުވިކަމުގެ އެންމެ އިތުބާރު ހުރި ހެއްކަކީ އެފޮޓޯކަމަށް ވެދާނެތީއެވެ.

ރަސްމީ ސިޓީ ލިޔާން ދަރިވަރުންނަށް ދަސްކޮށްދިން ބައި، ސިޓީ އިދާރާއަށް ފޮނުވުމާއި ހަމައިން އެ ނިމުނީއެވެ. އެ ހިސާބުން ދެން އެފެށެނީ މަދްރަސީ ދައުރުގައި ދަސްކޮށްނުދީ އޮތް ބައެވެ. ސިޓީ އިދާރާއަށް ފޯރުވުމުން ކައުންޓަރުން ރަޖިސްޓްރީވެ، ކަމާބެހޭ ސެކްޝަނަށް ދާ ދިއުމެވެ. އެއާއި އެކު އިސްވެރިޔާގެ އިރުޝާދާއި ޤާނޫނީ ލަފާ ހޯދުން ފެށެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންވިއްޔާ، ސިޓީ ކުރިން ދިޔަ މަގުން ފަހަތަށް ދަތުރުފަށައެވެ. މި ދަތުރު ނިމޭއިރު ސިޓީ ލިޔުނު މީހާއަށްވުރެ ގިނަ އޮފީސްތަކަށް އެ ސިޓީ ޒިޔާރަތްކޮށް ނިންމައެވެ. މި ހުރިހާ ޒިޔާރަތެއް "ސިޓީ" ކުރަމުންދާއިރު، އެ ސިޓީ ފޮނުވި މީހާ ހުންނާނީ ޖަވާބެއްގެ އިންތިޒާރުގައެވެ. ވަގުތުކޮޅެއް ދިނުމަށްފަހު ސިޓީއަށްވީ ގޮތެއް ބެލުމަށް އިދާރާއަށް ގުޅުމުން ލިބޭނެ އުފެއްދުންތެރި އެއްޖަވާބަކީ، ސިޓީ ލިބިއްޖެކަމަށާއި، ކަމާބެހޭ ސެކްޝަނުން ބަލަމުންދަނީ ކަމުގައެވެ. އެ ހިސާބުން ފޮނުވާ ސިޓީއަކީ، ކަރުދާސް ގަނޑެއްގެ ބަދަލުގައި، އިދާރީ ނިޒާމުގެ ތެރޭގައި އުޅޭ "ސިފައެއްނެތް" އެހެންނަމަވެސް ވުޖޫދުގައި އެއްޗެއްކަން ޤަބޫލު ކުރަން ޖެހެއެވެ. ސިޓީ އެވަގުތު ސީދާ އޮތީ ކޮންތާކުކަމެއް ނުވަތަ އެއަށް ޒިންމާވާނީ ކާކުކަން އެކަކަށްވެސް ބުނަން ނޭނގޭ ގޮތަށެވެ.

"ބަލަމުންދާ ކަމަށް" ބުނުމަކީ، ރަސްމީ އިދާރީ ބަހުރުވަ ބޭނުން ކުރުމުގައި ހޯދިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއޭވެސް ބުނެވިދާނެއެވެ. މި ބުނުމުގެ ސަބަބުން، ސީދާ ޖަވާބެއް ދޭކަށް ނުޖެހޭނެއެވެ. ވަކި ސުންގަޑިއެއް ކަނޑައަޅާކަށް ނުޖެހޭނެއެވެ. އެއްވެސް މީހަކު ޒިންމާއެއް އުފުލާކަށްވެސް ނުޖެހޭނެއެވެ. އެކަން ހުށަހެޅި މީހާ ހަނދާން ނެތެންދެން އެކަން "ބަލަމުންދާ" ގެ ދަށުގައި ބޭއްވިދާނެއެވެ. ބައެއް ޙާލަތްތަކުގައި "ބަލަމުންދިއުން" އެއީ ނިންމުމެއް ނިންމުމުގެ މަރުޙަލާގައި ހިމެނޭ ވަގުތީ ކަމަކަށްވުރެ ބޮޑަށް އެކަމުގެ އެންމެ ފަހުގެ ނިންމުންކަމަށްވެސް ވެއެވެ.

މަޖާޒީ މާނައެއްގައި މި ވާހަކަ ގެނެވުނު ނަމަވެސް މިއީ އެތައް ބައެއްގެ ކަންބޮޑުވުމަކަށްވެފައި އޮތް ކަމެކެވެ. އެކަމުގެ ފަހަތުގައި ޤާނޫނީ،އިދާރީ ގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ދައުލަތުގެ އިދާރާތަކަކީ، ހަމައެކަނި ސިޓީތައް ބަލައިގަނެ، އޭގައި އެންޓްރީ ތައްގަނޑު ޖަހަން އުފައްދާފައިވާ ތަންތަނެއް ނޫނެވެ. ދައުލަތުގެ އިދާރާއަކަށް ސިޓީއެއް ފޮނުވުމުން އެ ސިޓީއަށް ޖަވާބުނުދީ ހަނު ހުރުމަކީ، އާދައިގެ ކަމެކޭ ހީވިޔަސް މިއީ މީހުންގެ ޙައްޤުތަކާއި މަސްލަޙަތުތަކަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. ބައެއް ޙާލަތްތަކުގައި އިދާރާއަކުން ޖަވާބު ނުދީ ހަނު ހުރުމަކީ، އެ މީހަކާއި ދެކޮޅަށް ނިންމާ ނިންމުމަކަށްވުރެވެސް ގެއްލުން ބޮޑު ކަމެކެވެ.

އެދިފައިވާ ކަމެއް ކޮށްދިނުމުގެ ގާނޫނީ ބާރު އެ އިދާރާއަކަށް ލިބިގެން ނުވާނަމަ، އެކަން އެގޮތަށް ބަޔާންކުރެވިދާނެއެވެ. ހުށަހެޅުން ފުރިހަމަ ނޫންނަމަ، މަދުވާ ކަންކަން ބުނެދެވިދާނެއެވެ. އެކަމަކީ އެހެން އިދާރާއަކުން ކުރަންޖެހޭ ކަމެއް ނަމަ، އެކަމާ ބެހޭ އޮފީހަކަށް އެ މީހަކު ފޮނުވިދާނެއެވެ. އަދި އެކަމަށް އިތުރު ވަގުތު ބޭނުންވާނަމަ، އެކަންވެސް އެ ފަރާތަށް އެންގިދާނެއެވެ. ވަކި ގޮތެއް ނުނިންމައި ހަނުހުރުމަށްވުރެ، އެދިފައިވާ ކަމަކަށް އިންކާރުކުރުންވެސް މާ އިންސާފުވެރިއެވެ. ސަބަބަކީ، އޭރުން އެންމެ ކުޑަމިނުން އެމީހަކީ އަދި އެ ހުށަހެޅުމަކީ ވުޖޫދުގައިވާ އެއްޗެއްކަން ގަބޫލުކުރެވޭނެތީއެވެ.

 

ދިވެހިޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ޤާނޫނާ އެއްގޮތަށް އިޖުރާއީގޮތުން އިންސާފުވެރި، އަދި އެކަށޭނަ އަވަސް މިނެއްގައި އިދާރީ ފިޔަވަޅެއް އެޅުމަކީ ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަށް އަސަރުކުރާނަމަ އެ ފިޔަވަޅެއް އެޅި ސަބަބުން ލިޔުމުން އެމީހަކަށް ލިބުމުގެ ޙައްޤަކީވެސް އޮންނަ ޙައްޤެކެވެ. އިދާރާތަކުން ޖަވާބެއް ނުދީ ހަނުހުރުމުން، މީހަކަށް ނިންމުމެއް ޗެލެންޖުކުރާނެ، ކުށެއް ރަނގަޅުކުރާނެ ނުވަތަ ކޯޓުގެ މަގުން ޙައްގު ހޯދާނެ ފުރުސަތު ގެއްލެއެވެ. "ބަލަމުންދަނީ" އަކީ ޤާނޫނީ ސަބަބެއް ނޫނެވެ. އެއީ ނިންމުމެއް ނުނިންމާ ބާއްވަން ބޭނުންކުރާ އާދަޔާ ޚިލާފު މޮޅު ލަފްޒެކެވެ.

އަހަރެމެން ސިޓީ ލިޔާނެ ގޮތް ދަސްކުރީމެވެ. އެޑްރެސްލިޔުން، ތާރީޚު ޖެހުން، މައުޟޫޢު ބަޔާންކުރުން އަދި އިޙްތިރާމާއި އެކު ނިންމުން އެ އޮންނަންވީ ތަނުގައި ލިޔެގެން މާކްސް ލިބުނެވެ. ދެން ދަސްކުރަން އޮތީ އެ ސިޓީ ކިޔާނެ މީހަކު ހޯދާނެ ގޮތެކެވެ. ކޮންމެ ދަރިވަރަކުވެސް ރަސްމީ އިދާރާއަކަށް ފޮނުވާ ސިޓީއެއްގެ ޖަވާބެއް ހޯދަން ޖެހޭނެ ގޮތާއި އެކަމުގައި ކެތްތެރިކަން ބަހައްޓަންވީ ގޮތުގެ އުކުޅުތައް އެއީ މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު ފުރާވަރުގެ ދިރިއުޅުމުގެ ހަގީގަތްތަކަށް ކުދިން ތައްޔާރުކޮށްދިނުމަށް އެޅޭނެ މުހިއްމު ފިޔަވަޅަކަށްވާނެ ކަމަށް ފެނެއެވެ.