އިންސާނުން ހަދާ ޤާނޫނަށް ތަބާވުމަކީވެސް އިސްލާމީ ޝަރީޢާގައި ބުނާ ގޮތެވެ

ބައެއް މީހުން ބުނާ ބުނުމެކެވެ. އިސްލާމީ ޝަރީޢާ ފިޔަވައި އެހެން އެއްވެސް ޤާނޫނަކަށް މުސްލިމުން ކިޔަމަންވެގެން ނުވާނެއެވެ. އަދި އިންސާނުން ހަދާ ޤާނޫނާއި ޤަވާޢިދުތަކަކީ އިސްލާމީ ޝަރީޢާ އާއި ފުށުއަރާ އެއްޗެކެވެ. އިންސާނުންހަދާ ޤާނޫނާއި ޤަވާޢިދުތަކަކީ ބިދުޢައެއް ކަމަށް ބުނަމުންނެވެ.

ބައެއް މީހުންގެ ފަރާތުން ދީނީ ވިސްނުމެއްގައި މިފަދަ ވާހަކަތައް ދެއްކި ނަމަވެސް، މިއީ އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް ބުނާ ބުނުމެއް ކަމުގައެއް ނުފެނެއެވެ.ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، އަޞްޙާބު ބޭކަލުންގެ އަމަލުފުޅުތަކުގެ އިތުރުން ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން ސާބިތުވަނީ މީގެ އިދިކޮޅެވެ. އިސްލާމީ ޝަރީޢަތުގައި ބުނާ ބުނުމަކީ، އިސްލާމީ ޝަރީޢަތުގެ ސާފު އަދި ސަރީޙަ އަސްލަކާ ޚިލާފުނުވާހާ ހިނދަކު، ގާއިމުވެފައިވާ ވެރިކަމުގެ އަމުރުތަކަށް (ޤާނޫނުތަކާއި ޤަވާޢިދުތަކަށް) ކިޔަމަންވުން އެއީ ލާޒިމްކަމެއް ކަމުގައެވެ.

މި މައްސަލައަކީ އަޅުގަނޑު ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުރި ދުވަސްވަރު އެ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވެސް ޚަޞްމެއްގެ ފަރާތުން ފާހަގަ ކުރިކަމެވެ. ހައިކޯޓުގައި ދެއްކި ވާހަކަތަކުގައި، އޭނާގެ ޙުއްޖަތަކީ، ރަޖުޢީ ވަރިއަކުން ވަރިކުރުމަށްފަހު އަނބިމީހާ ރުޖޫޢަކުރުމުގެ އިޚުތިޔާރު އިސްލާމީ ޝަރީޢަތުން ފިރިމީހާއަށް ދީފައިވާތީ، އެކަން ކޯޓުގައި ރަޖިސްޓްރީކުރަން އެއްވެސް ގާނޫނަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް އޮންނަ އޮތުން އިސްލާމީ ޝަރީޢާ އާއި ޚިލާފު ކަމަށެވެ. އާއިލާއާބެހޭ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަނީ "ރަޖުޢީ ވަރިއަކަށްފަހު އަނބިމީހާ ރުޖޫޢަކޮށްފިނަމަ، އެކަން ކޯޓަށް ހުށަހަޅާ ކޯޓުގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ." މި ގޮތަށެވެ.

މި މައްސަލަ ހައިކޯޓުން ބެލުމަށްފަހު، ފިރިހެންމީހާގެ ފަރާތުން އެ ދައްކާ ޙުއްޖަތަކީ، އިސްލާމީ ޝަރީޢާ އާއި އެއްގޮތް ވާހަކައެއް ނޫންކަމަށް ނިންމައި، ދަށުކޯޓުގެ ޙުކުމަށް އަޅުގަނޑުމެން ތާއީދު ކުރީމެވެ. އެ ނިންމުމުގެ ތަފްސީލުތައް ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ހިމެނޭނެއެވެ. މި ލިޔުމުގައި އެކަމުގެ މައްޗަށް ހުރި ދަލީލުތައް މިސާލުތަކާއި އެކު ކުރުކޮށް މި ބަޔާން ކުރަނީއެވެ.

ސޫރަތުއްނިސާގެ 59 ވަނަ އާޔަތް

ނިސާ ސޫރަތުގެ 59 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ އަމުރުވެރިންނަށް (ވެރިންނަށް) ވެސް ކިޔަމަންވާށެވެ."

މި އާޔަތުގައިވާ "އަމުރުވެރިން" ނުވަތަ "ކަންކަމާ ހަވާލުވެގެން ތިބޭ މީހުން" ގެ މާނައިގައި ވެރިންނާއި، ފަނޑިޔާރުންނާއި، އަދި ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތްތައް ހިމެނޭކަމަށް މުފައްސިރުން ބަޔާންކުރައްވައެވެ. އެހެންކަމުން، ދައުލަތުން ނެރޭ ޤާނޫނީ އަމުރުތަކަށް މުސްލިމުން ތަބާވުމަކީ ދީނީ ގޮތުން އޮތް އަސާސީ އުސޫލެކެވެ.

މި ބުނެވުނީ އެކަމުގައި އޮތް ޢާއްމު އުޞޫލު ނަމަވެސް، މި ކިޔަމަންތެރިކަމަކީ ހައްދެއް ނެތްކަމެއް ނޫނެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ފަދައިން، ޚާލިޤުވަންތަ ﷲ އަށް އުރެދުމެއްވާ ކަމެއްގައި އެއްވެސް މަޚުލޫޤަކަށް ކިޔަމަންވުމެއް ނުވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ވެސް ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ބުނެ މި ބުނެވުނު އުޞޫލު ނެގެހެއްޓުމަށްފަހުއެވެ.

އިޖުތިހާދުކުރުމުގެ ދާއިރާ

އިސްލާމީ ޝަރީޢަތުގެ އަޙްކާމްތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ؛

  • ޘަވާބިތު (ބަދަލުނުކުރެވޭ ކަންކަން): ސާފު ދަލީލުތަކުން ސާބިތުވާ އަޅުކަންތަކާއި، ޙަރާމް ކަންކަން.

މިއިން ކަމެއް ބަދަލުކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. މިސާލަކަށް ނަމާދުކުރުމާއި، ރޯދަހިފުމާއި، ޒަކާތްދިނުމުގެ ވާޖިބުކަމާއި، ރާބުއިން ހަރާމްވުމާއި، އަދި ވާރުތަ މުދަލުގެ އަސާސީ ގަވާއިދުތަކަކީ، އެއްވެސް ވެރިއަކަށް، މަޖިލީހަކަށް، ފަނޑިޔާރަކަށް ނުވަތަ އިލްމުވެރިއަކަށް ބަދަލު ކުރެވޭނެ ކަންކަމެއް ނޫނެވެ.

  • މުތަޣައްޔިރާތު (ބަދަލުވާ ކަންކަން): ވަގުތާއި، ހާލަތާއި، މަސްލަހަތަށް ބަލައި ބަދަލުވެދާނެ ކަންކަން.

މިއީ އިޖުތިހާދުކުރުމަށް ޝަރީޢަތުގައި ޖާގަދީފައިވާ ދާއިރާތަކެވެ. މިފަދަ ކަންކަމުގައި، ހައްގުތައް ހިމާޔަތްކުރުމަށާއި، ގެއްލުންތައް ހުއްޓުވުމަށާއި، އަދި މުޖުތަމައު ތަރުތީބުކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ. ކައިވެނި ރަޖިސްޓްރީކުރުމާއި،ވަރި ރަޖިސްޓްރީކުރުމާއި، ޓްރެފިކް ގަވާއިދުތަކާއި، ކޯޓުތަކުގެ އިޖުރާއާތުފަދަ ކަންކަމަކީ މި ދާއިރާގައި ހިމެނޭ މިސާލުތަކެވެ.

ކުރިން ބުނެވުނު ހައިކޯޓުގެ މައްސަލައިގައި، އަޅުގަނޑުމެން ބުނެފައިވާނީ ރަޖުޢީ ވަރިއަކަށްފަހު ރުޖޫޢަކުރުން މަނާ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، އެފަދަ ރުޖޫޢަކުރުމެއް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮންނާތީ އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށް ބުނެފައި ވާނެއެވެ، އެހެން އެ ބުނެވެނީ، ކޯޓުގައި ވަރި ރުޖޫޢަކުރުން ރަޖިސްޓްރީ ކުރުމަށް އޮންނަ ޝަރުތަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއް ނޫންކަމުގައިވާތީއެވެ. އަދި ކިއެއްތަ، މިއީ އަނބިމީހާއާއި، ފިރިމީހާއާއި، ދަރިންނާއި އަދި މުޅި މުޖުތަމައުގެ ޙައްޤުތައް ހިމާޔަތްކޮށްދީ، ޝަރީޢަތުގެ މަޤުޞަދުތަކަށް ބާރު އަޅައިދޭ ކަމަކަށްވާތީ އެވެ.

ޝަރީޢަތުގެ މަޤުޞަދުތައް ޙާސިލުކުރުން

އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤުޞަދަކީ ދީނާއި، ނަފްސާއި، ބުއްދިއާއި، ނަސަބާއި، މުދާ އަދި އަބުރު ހިމާޔަތްކުރުމެވެ. ދައުލަތުން ހަދާ ގިނަ ޤާނޫނުތަކަކީ މި މަޤުޞަދުތައް ޙާސިލުކުރުމަށް މަގުފަހިކޮށްދޭ ވަސީލަތްތަކެކެވެ. އެހެންކަމުން، ޤާނޫނެއް އިންސާނަކު ލިޔެފައި އޮތުމަކީ އެއީ "ޣައިރު އިސްލާމީ" އެއްޗަކަށް ވާންޖެހޭ ސަބަބެއް ނޫނެވެ. މުހިންމީ އެ ޤާނޫނަކުން ޝަރީޢަތާ ޚިލާފު ނުވެ، އިންސާފާއި އާންމު މަސްލަހަތު ދަމަހައްޓައިދޭތޯ ބެލުމެވެ.

މިސާލަކަށް،

ކައިވެނި ރަޖިސްޓްރީ ކުރުން: އިސްލާމީ ޝަރީޢަތުގައި ކައިވެނި ޞައްޙަވުމަށް ވަކި ޝަރުޠުތަކެއް އޮވެއެވެ. ވަލީ ވެރިޔާ، ހެކިން، އިޖާބު އަދި ޤަބޫލު ފަދަ ޝަރުޠުތަކެވެ. ނަމަވެސް ކައިވެނި ރަސްމީކޮށް ރަޖިސްޓްރީކުރަން ދައުލަތުން ލާޒިމުކުރުމަކީ ޝަރީޢަތާ ޚިލާފު ކަމެއް ނޫނެވެ. އެއީ ނަސަބާއި، އާއިލީ ޙައްޤުތަކާއި، ދެބަސްވުންތައް ހިމާޔަތްކުރުމަށް ހަދާފައިވާ އިދާރީ އުސޫލެކެވެ.

ޓްރެފިކް ޤަވާޢިދުތައް: ކީރިތި ޤުރުއާނުގައި މިފަދަ ނިޒާމެއް ބަޔާންވެފައި ނެތަސް، މަގުތަކުގައި އުޅަނދުފަހަރު ދުއްވުމަށް ޤަވާޢިދު ހެދުމަކީ ޝަރީޢަތާ ޚިލާފު ކަމެއް ނޫނެވެ. މިފަދަ ޤަވާޢިދުތަކުން މީހުންގެ ފުރާނަ ރައްކާތެރި ކުރެވެއެވެ. ފުރާނަ ހިމާޔަތްކުރުމަކީ ޝަރީޢަތުގެ މަޤުޞަދުތަކުގެ މުހިންމު ބައެކެވެ.

ބިމުގެ މިލްކުވެރިކަން ރަޖިސްޓްރީކުރުން: މީހުންގެ މުދަލާއި މިލްކުވެރިކަން ހިމާޔަތްކުރުމަކީ ޝަރީޢަތުގެ މަޤުޞަދެކެވެ. ބިން ނުވަތަ ގޭގެ މިލްކުވެރިކަން ރަސްމީ ކޮށް ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީކުރަން ދައުލަތުން ލާޒިމުކުރުމަކީ އިސްލާމް ދީނަށް އިތުރު ކުރާ ބިދުޢައެއް ނޫނެވެ. އެއީ މީހުންގެ ޙައްޤު ސާބިތުކޮށް، ދެބަސްވުން ހުއްޓުވައި، މުދާ ހިމާޔަތްކުރުމަށް ހެދޭ ޤާނޫނީ ނިޒާމެކެވެ.

ކޯޓުތަކުގެ އިޖުރާއާތު: އިސްލާމީ ޝަރީޢަތުގެ މަޤުޞަދަކީ އިންސާފު ގާއިމުކުރުމެވެ. ނަމަވެސް އިންސާފު ގާއިމުވުމަށް ކޯޓުތަކުގައި، ދަޢުވާ ހުށަހެޅުމުގެ އުސޫލު، ހެކި ހުށަހެޅުމުގެ ނިޒާމު، އިސްތިއުނާފުގެ މުއްދަތު، އަދި މައްސަލަ ބެލުމުގެ އިޖުރާއީ ގަވާޢިދުތައް ހެދުމަކީ ޝަރީޢަތާ ޚިލާފު ކަމެއް ނޫނެވެ.

އަޞްޙާބު ބޭކަލުންގެ އަމަލުފުޅުތަކުން މި އުސޫލަށް ބާރުލިބޭ

ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމަށްފަހު، އަޞްޙާބު ބޭކަލުން ވެސް ވަނީ އިދާރީ އުސޫލުތަކާއި ނިޒާމުތައް ތައާރަފުކުރައްވާފައެވެ. އެބޭކަލުން ކީރިތި ގުރުއާން އެއް މުޞްޙަފަކަށް ޖަމާކުރެއްވިއެވެ. ދައުލަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް (ދީވާންތައް) އުފެއްދެވިއެވެ. ފަނޑިޔާރުގެއާއި އިދާރީ ނިޒާމުތައް ތަރުތީބުކުރެއްވިއެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން އާންމު އިޖުރާއާތުތައް ތައާރަފުކުރެއްވިއެވެ.

މިއީ އަޅުކަމުގެ ގޮތުން އަލަށް އުފެއްދެވި ކަންކަމެއް ނޫނެވެ. އެއީ ދީން ހިމާޔަތްކުރުމަށާއި މުޖުތަމައު ތަރުތީބުކުރުމަށްޓަކައި އެޅުއްވި އިދާރީ ފިޔަވަޅުތަކެކެވެ. ރަސޫލާ ﷺ ގެ ޒަމާނުގައި އެކަންކަން އެ ސިފަޔަށް ލިޔެވިފައި ނެތުމަކީ އެއީ ބާތިލު ކަންތައްތަކެއް ކަމަކަށް އެއްވެސް އިލްމުވެރިއަކު ވިދާޅެއް ނުވެއެވެ. މިއިން ދައްކުވައި ދެނީ، އިސްލާމީ ވެރިކަމުގެ ނިޒާމުގައި، އާންމު އިދާރީ ހިންގުމާއި މަސްލަހަތު ހިމާޔަތްކުރުމުގެ ކަންކަމުގައި އިންސާނުން ހަދާ އުސޫލުތަކަށް އަބަދުވެސް ޖާގަ އޮންނަކަމެވެ.

ނިންމުން

އިންސާނުން ހަދާ ގާނޫނުތަކަކީ، އިންސާނަކު އެ ޤާނޫނު ހެދީތީ އެ ސަބަބަށްޓަކައި އިސްލާމީ ޝަރީޢާ ޚިލާފު އެއްޗެއްކަމަށް ބުނުން އެއީ ރަނގަޅު ހަމައަކުން ބުނާ ބުނުމެއް ނޫނެވެ. އިސްލާމީ ޝަރީޢާގައި، ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައި، ޤާނޫނީ ވެރިކަމަށް ބޯލެނބުމަށް އަމުރުކުރެއެވެ. ޤާނޫނުތަކަކީ ޝަރީޢަތުގެ މަޤުޞަދުތައް ޙާސިލުކުރުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކެކެވެ.

އިސްލާމީ ޝަރީޢަތަކީ އިންސާފާއި، ރަޙުމާއި، އާންމު މަސްލަހަތުގެ ނިޒާމަކަށްވީ ހިނދު، މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ހަދާފައިވާ ޞައްޙަ ޤާނޫނުތަކަށް ކިޔަމަންވުމަކީ ދީނީ ގޮތުން ލާޒިމުކަމެކެވެ. އެއީ އިސްލާމީ ޝަރީޢާގެ މަޤުޞަދުތައް ޙާސިލުކުރުމަށްޓަކައި ކޮންމެހެން ކަން ކުރަން ޖެހޭ، އިސްލާމީ ޝަރީޢާ ބުނާ ގޮތެވެ.