މައާފު ދިނުމަކީ ވާރިސުންނަށް ލިބިގެންވާ ޙައްޤެއް، އެއީ އެމީހުންގެ މައްޗަށް ތަކުރާރުކޮށް ކުރިމަތި ކުރެވޭ ބުރައަކަށް ވެގެން ނުވާނެ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން މިފަހުން ނިންމި މަރުގެ މައްސަލައެއް ކަމުގައިވާ ގާސިމް ޙަސަންގެ މަރުގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ފާހަގަ ކުރެއްވި މުހިއްމު ނުކުތާއެކެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގިއިރު މަރުވިމީހާގެ ވާރިސުން ކޯޓަށް ހާޒިރުކޮށް، ބަޔާން ނަގައި، އެމީހުންގެ ގާނޫނީ އަދި ޝަރުއީ ހައްގުތައް އޮޅުންފިލުވައިދިނުމުން، އެ އެންމެންވެސް އެދުނީ ގާތިލުގެ ކިބައިން ގިސާސް ހިފުމަށެވެ. ކްރިމިނަލް ކޯޓުން ޙުކުމް ކުރީ ޤާތިލު މެރުމަށެވެ.

މަރުގެ މައްސަލައެއްގައި،ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓުން ޙުކުމެއް ކޮށްފިނަމަ، އެ ޙުކުމްގެ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެކަމަށާއި، އެފަދަ ޙުކުމް ތަކަކީ އަމިއްލަ ޒާތުގައި އިސްތިއުނާފު ކުރެވިގެންވާ ޙުކުމްތަކެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައި އޮންނަ އޮތުން އެއީ އަސްލެއް ކަމުގައި ބަލައި މިފަދަ މައްސަލަތައް އިސްތިއުނާފު ކުރުމަށް ކުށްވެރިޔާ ނޭދުނުނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް އަދި ހައިކޯޓުން މައްސަލަ ނިމުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައެވެ.

ޤާސިމް ޙަސަންގެ މަރުގެ މައްސަލައަކީވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް މި ގޮތުގެ މަތީން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މައްސަލަ ނިންމެވުމުގައި ފަނޑިޔާރުން ފާހަގަ ކުރެއްވި މި މައުޟޫޢުއާއި ގުޅޭ މުހިއްމު ނުކުތާއަކީ، ހައިކޯޓުގެ މަރުޙަލާގައި ވާރިސުން ޙާޟިރުކޮށް، ވާރިސުންގެ ފަރާތުން ކުށްވެރިޔާއަށް މަޢާފުކުރަންތޯ ހައިކޯޓުން އިތުރަށް ސުވާލު ކުރަން ނުޖެހޭނެކަމަށެވެ. އަދި މިއީ ވާރިސުންނަށް އޮންނަ އިޚްތިޔާރެއްކަމަށާއި އިތުރަށް މިކަމުގައި ވާރިސުންގެ ބަހެއް ހޯދަން ޖެހޭނީ، މަރުގެ އަދަބު ކަނޑައަޅާ މަރުޙަލާގައި ކަމަށެވެ. އަދި ކޮންމެ މަރުޙަލާއަކަށް ވާރިސުން ޙާޟިރުކޮށް މަރުގެ އަދަބާއި ގުޅޭ ގޮތުން އަލުން ވާރިސުންނާއި ސުވާލު ކުރުމަކީ، އިހުސާންތެރިކަމާއި ޢަދުލުވެރިކަމާދުރު އިޖުރާއާތެއް ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ރ)

މިއީ، މަރުގެ މައްސަލައެއް ބަލާ ކޮންމެ މަރުޙަލާއަކަށް ވާރިސުން ޙާޟިރުކޮށް އެ މީހުންގެ ފަރާތުން ވާރިސުންނަށް މަޢާފުކުރަން ބޭނުންތޯ އަހަންޖެހޭނެ ކަމަށް ޤަބޫލު ކުރެވިގެން އެގޮތަށް ޢަމަލު ކުރަމުގައި ޙަވާލާ ދެވެމުން ދިޔަ ޤާނޫނީ ނައްސެވެ. މި މާއްދާގައި ބުނަނީ " މަރުގެ އަދަބު ތަންފީޛު ކުރުމުގެ ކުރިން އެއްވެސް މަރުޙަލާއެއްގައި، މަރާލެވިފައިވާ މީހާގެ ވާރިޘުން، ކުށް ސާބިތުވެފައިވާ މީހާގެ އަތުން ނުވަތަ އޭނާގެ ޢަޞަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މަޢާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ހޯދުމަކާއި ނުލައި މަޢާފު ދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތަޢުޒީރީ ގޮތުން އުމުރަށް ޖަލަށް ލުމުގެ އަދަބު ކަނޑައަޅަންވާނެއެވެ."

މި މާއްދާގައި އެބުނާ "ކޮންމެ މަރުޙަލާއެއްގައި" މާނަކޮށް އެއީ އިސްތިއުނާފީ ކޮންމެ މަރުޙަލާއެއް ކަމުގައި ދެކިގެން ވާރިސުންގެ ފަރާތުން ގާތިލަށް މަޢާފުކުރަން ބޭނުންތޯ ދިޔައީ އަހަމުންނެވެ. ސުވާލަކީ،އެ އިޖުރާއާތު އެއީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު އިޖުރާއާތު ހެއްޔެވެ. ނުވަތަ ހައިކޯޓުގެ ފަހުގެ ނިންމެވުމުގައި އެ އޮންނަ ގޮތަށް އެއީ އިހުސާންތެރިކަމާދުރު އިޖުރާއާތެއް ހެއްޔެވެ؟

ގިސާސް ހިފަން އެދުމަކީ ވާރިސުންގެ ޙައްޤެއް

ގިސާސް ހިފޭ މަރުގެ މައްސަލަތަކުގައި، މަރުވި މީހާގެ ވާރިސުންނަކީ ގާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ހާއްސަ މަގާމެއް ދެވިފައިވާ ބައެކެވެ.އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމުގައި، މަރުވި މީހާގެ ވާރިސުންނަށް ގިސާސް ހިފުމަށް އެދުމުގެ ނުވަތަ މަރުގެ ދިޔަ ގަބޫލުކުރުމުގެ ނުވަތަ މައާފު ދިނުމުގެ އިހުތިޔާރު ލިބިގެންވެއެވެ. ގިސާސްގެ މައްސަލަތަކާއި ގުޅޭ ގޮތުން އިސްލާމީ ޝަރީޢާގައި މައިގަނޑު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެއިގެ ތެރެއިން؛

ފުރަތަމައީ، މަރުގެ މައްސަލަތައް ބެލުމާއި މަރުގެ މައްސަލަތައް ތަންފީޛު ކުރުމުގެ އިޖުރާއާތުތަކަކީ ވަކި ހަމައަކުން ތަރުތީބު ކުރެވިގެން ކުރެވެންޖެހޭ ކަމަކަށްވުމެވެ. ގިސާސް ހިފުން އެއީ ބަދަލު ހިފުމެއްގެ ކަމުގައި ބަލައި އަމިއްލަ އަމިއްލަ އަށް ޝަރުޢީ އެއްވެސް ނިންމުމެއް ނެތި އެކަން ތަންފީޛު ކުރުން އެއީ ހުއްދަ ނޫން ގޮތެކެވެ. އެހެންކަމުން މަރުގެ މައްސަލައެއްގައި ކަން ކުރާނެ ގޮތުގެ އިޖުރާއާތުތަކެއް އެކަށައެޅިފައި އޮތުން އެއީ ބޭނުން ތެރިކަމެވެ. މި ޙައްޤުގެ މުހިންމުކަން ބޮޑުކަމުން، ޤިޞާޞް ތަންފީޒުކުރާ ކުރުމުގެ ކުރިން ތަފާތު އިޖުރާއީ ރައްކާތެރިކަމެއް ޤާއިމުކޮށްފައިވެއެވެ. އެގޮތުން، ވާރިސުން ކަށަވަރުކުރުމާއި، އެމީހުންގެ އިޚުތިޔާރުތައް ބަޔާންކޮށްދީ، ހުކުމް ތަންފީޒުކުރުމުގެ ކުރިން ގާތިލަށް މަޢާފު ކުރުމުގެ ދޮރު ހުޅުވިފައި އޮންނާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން ޖެހެއެވެ.

ދެވަނައީ، މަރަށް މަރުހިފުމަށް އެދުމުގެ ބަދަލުގައި، ޤާތިލަށް މައާފު ދިނުމަކީ އިސްލާމީ ޝަރީޢާގައި ބާރުއަޅުއްވާފައިވާ ކަމެއް ނަމަވެސް، އެއީ އެއްވެސް ގޮތަކުން ވާރިސުންނަށް މަޖުބޫރު ކަމެއް ނޫންކަމެވެ. މަރުވި މީހާގެ އާއިލާއަށް މައާފު ދިނުމަށް މަޖުބޫރު ކުރުވުން މިއީ އެއްވެސް ހަމައަކުން އިސްލާމީ ޝަރީޢާއެއް ދަންނަކަމެއް ނޫނެވެ.

ތިންވަނައީ، ގިސާސްގެ ބަދަލުގައި މަޢާފު ދިނުމުގެ ޙައްޤު ހަމައެކަނި ލިބިގެންވަނީ ވާރިސުންނަށްކަމަށްވުމެވެ. ގިސާސް ހިފުމަށް ނުވަތަ ދިޔަ ގަބޫލުކުރުމަށް ނުވަތަ މައާފު ދިނުމަށް ނިންމާނީ މަރުވި މީހާގެ ވާރިސުންނެވެ.

ކޯޓުގެ ދައުރަކީ، ވާރިސުންނަށް މައާފު ދިނުމަށް ބާރު އެޅުމެއް ނޫން

މަރުގެ މައްސަލައެއްގައި ވާރިސުންގެ ފަރާތުން ނިންމާފައިވާ ގޮތެއް ތަކުރާރުކޮށް ހޯދުން އެއީ އިސްލާމީ ޝަރީޢާގެ އެއްވެސް ނައްޞަކުން ލާޒިމްކޮށްފައިވާ ގޮތެއް ނޫނެވެ. މިކަމުގައި ބަލަން ޖެހޭނެކަމެއްކަމަށް އިސްލާމީ ޝަރީޢާ ދަންނަ ގޮތަކީ، ވާރިސުން އެކަމުގައި ގޮތެއް ނިންމައިފިނަމަ އެ ނިންމުމުގެ މައްޗަށް އިޙްތިރާމް ކުރުމާއި އެކު، ޙުކުމް ތަންފީޛު ކުރާ ވަގުތާ ހަމައަށްވެސް މަޢާފު ކުރުމުގެ ދޮރު ހުޅުވާފައި ބެހެއްޓުމެވެ. ވާރިސުންގެ ފަރާތުން ގާތިލަށް މަޢާފު ކުރޭތޯ ބާރު އަޅައި އެކަމަށް މަސައްކަތް ކުރުން އެއީ ކޯޓުން ބޭރުގައި ހިނގާންޖެހޭ އިޖުރާއާތެކެވެ.ސުލްޙަ ކުރުވުމާއި، ދީނީ ގޮތުން މި ކަމުގައި އޮންނަގޮތް ސާފުކޮށްދިނުން އެއީވެސް ކޯޓުން ބޭރުގައި ކުރެވިދާނެ ކަމެކެވެ.

މި ފަދަ މައްސަލައެއްގައި، ކޯޓުގެ ދައުރަކީ ވާރިސުންގެ ނިންމުމުގެ މިނިވަންކަމާއި ސައްހަކަން ކަށަވަރު ކުރުމެވެ. މިއީ ވާރިސުންގެ ފަރުދީ ޙައްޤަކަށްވާތީ، ވާރިސުން ވަކި ގޮތަކަށް ނިންމައި އެކަން ރެކޯޑުކުރުމަށްފަހު، އެމީހުން އަމިއްލައަށް އެ ނިންމުން ބަދަލުކުރަންދެން އެ ނިންމުން އެގޮތުގައި ދެމިއޮންނާނެއެވެ. ޙައްޤެއް ދާއިމަށް ދެމިއޮތުމާއި، އެ ޙައްޤު އިޖުރާއީ ގޮތުން ކޮންމެ މަރުޙަލާއެއްގައި އަލުން ހޯދަން މަޖުބޫރުވުމާ ދެމެދު ތަފާތެއް އޮވެއެވެ.

ދެކޮޅަށް ހުރި ބަހުސް:

މަރުގެ މައްސަލައެއްގައި ކޮންމެ މަރުޙަލާއަކަށް ވާރިސުން ޙާޟިރުކޮށް އެ މީހުންގެ ބަސްހޯދަން ޖެހޭނެކަމަށް އޮންނަ އޮތުމާއި އޭގެ އިދިކޮޅަށް ދެއްކޭނެ ވާހަކަތަކެއް އެބަހުއްޓެވެ.

މި ގޮތުން މަރުގެ އަދަބަކީ، އަނބުރާ ރުޖޫއަ ނުކުރެވޭނެ އަދަބަކަށްވާތީ ހުކުމް ތަންފީޒުކުރުމުގެ ކުރިން ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބަލަން ޖެހެއެވެ. މަޢާފު ދިނުމުގެ ހައްގަކީ ހުކުމް ތަންފީޒުކުރުމާ ހަމައަށް ދެމިއޮންނަ ހައްޤަކަށްވާތީ އާއި ހުކުމް ތަންފީޒުކުރުމުގެ ކުރިންވެސް ވާރިސުންނަށް މައާފު ދެވިދާނެތީ، އެމީހުންގެ ކުރީގެ ނިންމުމަށް ބަދަލެއް އައިސްފައިވޭތޯ ތަކުރާރުކޮށް ކަށަވަރު ކުރުމަކީ ވާންޖެހޭނެ ގޮތެއްކަމަށްވެސް ފެނެއެވެ. މީގެ އިތުރުން ގިސާސް ބިނާވެފައިވަނީ ވާރިސުންގެ ނިންމުމުގެ މައްޗަށް ކަމަށްވާތީ، ވާރިސުންނަކީ ކޮބައިކަމާ މެދު ނުވަތަ ހުރިހާ ވާރިސުންގެ ބަސް ހޯދުނުކަމާ މެދު ނުވަތަ އެމީހުންނަށް ހައްގުތައް ސާފުކޮށްދެވުނު ކަމާ މެދު ޝައްކެއް އުފެދިއްޖެނަމަ، އެކަން ސާފުކުރުމަށް އިސްތިއުނާފީ ކޯޓުން އެމީހުން ހާޒިރުކުރުން ލާޒިމްވާ ޙާލަތެއްވެސް އޮވެދާނެ އެވެ. ހަމައެގޮތަށް ހާލަތަށް އަތުވެދާނެ ބަދަލަކީވެސް ވާރިސުން މަތީ މަރުޙަލާގެ ކޯޓަށް ޙާޟިރު ކުރަން ޖެހިދާނެ ސަބަބެކެވެ. މިސާލަކަށް، ވާރިސަކު ނިޔާވުން، ކުޑަކުއްޖަކު ބޮޑުވުން، ކުރިން ނޭނގޭ ވާރިސަކު ފެނުން، ނުވަތަ ކުރިން ދިން ބަޔާނަކީ ބިރުދައްކައިގެން ނަގާފައިވާ ބަޔާނެއް ކަމަށް ތުހުމަތު ކުރެވުން ފަދަ ކަންކަމެވެ. މިފަދަ ހާލަތްތަކުގައި، ވާރިސުން މަތީ މަރުޙަލާގެ ކޯޓަށް އަލުން ހާޒިރުކުރުމަކީ ހަމައެކަނި އިޖުރާއީ ކަމެއް ތަކުރާރުކުރުމެއް ނޫނެވެ. އެއީ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އޭގެ އަނެއް ކޮޅެވެ. އިސްތިއުނާފީ ކޯޓުން ބަލަންޖެހޭނީ ކުށް ސާބިތުވުމާއި އިއްވާފައިވާ ހުކުމަކީ ގާނޫނީ ގޮތުން ސައްހަ ހުކުމެއްތޯ ނުވަތަ ނޫންތޯ ކަމެވެ. ވާރިސުންގެ ދީފައިވާ ބަހާއި މެދު އިސްތިއުނާފީ ކޯޓުން ބަލަން ޖެހޭނީ ވާރިސުން ކަށަވަރުކުރުމާއި އެމީހުންގެ ބަޔާންތައް ގާނޫނީ ގޮތުން ސައްޙަތޯއެވެ. މިފަދަ މައްސަލަތަކުގައި ވާރިސުންނާއި ތަކުރާރުކޮށް ސުވާލުކުރުމަކީ ނުސީދާ ގޮތެއްގައި ކުރެވޭ މަޖުބޫރެއް ކަމުގެ އިހުސާސް ވާރިސުންނަށް ކުރިމަތިވެދާނެއެވެ. ކޯޓުން އެ ސުވާލު ކުރަނީ ވަކި ގޮތަކަށް ކަން ކުރަން އެދުމަށް ނޫންކަމުގައި ވިޔަސް ވާރިސުންނަށް އެމީހުން ކުރިން ނިންމި ނިންމުމާއި މެދު ސުވާލު އުފެދިގެން، ކޯޓުން ސުވާލު ކުރަނީ ކަމުގެ އިހުސާސް އުފެދިދާނެއެވެ. އަދި ގާނޫނީ ނިޒާމުން އެދެނީ މައާފު ދިނުމަށް ކަމުގެ ތަސައްވަރެއްވެސް ކުރެވިދާނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އެ ފާހަގަ ކުރި ގޮތަށް، ތަކުރާރުކޮށް ކޯޓަށް ހާޒިރުކުރުމަކީ އަނިޔާލިބޭ ފަރާތްތަކަށް އަލުން އަނިޔާއަށް ހުށަހެޅުމެކެވެ. އަނިޔާލިބޭ ފަރާތްތަކާ މެދު އަމަލުކުރަންވާނީ ހަމްދަރުދީއާއި އެމީހުންގެ ކަރާމާތަށް އިހުތިރާމްކުރެވޭ ފަދަ ގޮތަކަށެވެ. މަރާލާފައިވާ މީހެއްގެ ދަރިން، ނުވަތަ މައިން ބަފައިން ގާތިލަށް މައާފުކުރަންތޯ އެހުމަށް ތަކުރާރުކޮށް ކޯޓަށް ހާޒިރުކޮށް، މަރުގެ ހާދިސާގެ ހިތްދަތިކަން އަލުން އާކުރުވުމަކީ، އެ މީހުންނަށް ދެވޭ ނަފްސާނީ ބޮޑު ގެއްލުމެކެވެ. ގެއްލުން ދިނުމެއް ނެތްކަމަށް އިސްލާމީ ޝަރީޢާގައި އެ އޮންނަ އުޞޫލާއި، ވާރިސުންގެ ފަރާތުން ކުރިން ނިންމާފައިވާ ނިންމުމެއް އެ މީހުން އަމިއްލައަށް ބަދަލު ކުރަންދެން އެ ގޮތުގައި ދެމި އޮންނާނެތީ، ދެމި އޮތް ގޮތް އެ ގޮތުގައި ބޭއްވުން (އިސްތިސްޙާބު) އުޞޫލުން ބަލާއިރު މަންފާއެއް ނެތް ކަމެއްގައި ވާރިސުންނާއި ތަކުރާރުކޮށް ގާތިލަށް މަޢާފު ދޭން ބޭނުންތޯ ސުވާލު ކުރުން އެއީ އެންމެ ރަނގަޅު ގޮތެއް ތޯ އަދި އެއީ ސައްޙަ އިޖުރާއާތެއްތޯ ސުވާލު އުފެދެއެވެ.

ފެނުނު ގޮތް

މަރުގެ އަދަބު ދޭ މައްސަލަތަކުގައި އިންސާފު ގާއިމުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް އިންސާފު ގާއިމުކުރުމުގައި މަރުވި މީހާގެ ވާރިސުންގެ ކަރާމާތަށް އިހުތިރާމްކުރުންވެސް އޮންނަން ޖެހޭނެއެވެ. މަރާލާފައިވާ މީހެއްގެ ދަރިންނަށް، ނުވަތަ މަންމަ އާއި ބައްޕަ  ގާތިލަށް މައާފުކުރަން ބޭނުންތޯ ތަކުރާރުކޮށް އެހުމަކީ، ވާރިސުންގެ ހިތުގެ ޒަހަމްތައް ތަކުރާރުކޮށް އާކުރުމެވެ.ހައިކޯޓުގެ ނިންމުމުގައި  އެ ބުނަނީ އެގޮތަށެވެ.

މިކަމުގައި ފެނުނު ގޮތަކީ، އިސްތިއުނާފުގެ މަރުޙަލާގައި ވާރިސުންގެ ބަސް ހޯދަންޖެހޭނީ، ހަމައެކަނި މައްސަލައިގެ އަސާސަށް ބަދަލު އަންނަ ފަދަ ކަމެއް ދިމާވާ ނަމަ ނުވަތަ ޤާނޫނީ ޚާއްސަ ޙާލަތެއް މެދުވެރިވެއްޖެނަމަ ކަމަށް އޮތުމެވެ. މިސާލަކަށް ކުށުގެ ބާވަތް ބަދަލުވުން، ނުވަތަ ކުށްވެރިޔާގެ އައިޑެންޓިޓީއާ މެދު ސުވާލު އުފެދުން، ޝަރުއީ ވާރިސުންގެ އައިޑެންޓިޓީއާ މެދު ޝައްކު އުފެދުން،ވާރިސަކު އުނިވެފައިވުން،ވާރިސުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަކު ބޮޑުވެ،އަމިއްލައަށް ގޮތް ނިންމުމުގެ ގާނޫނީ ގާބިލްކަން ލިބުން، ބިރުދެއްކުމެއް، ފިއްތުމެއް ނުވަތަ އޮޅުމެއްގެ ތެރެއިން ބަޔާން ނަގާފައިވާ ކަމުގެ ތުހުމަތެއް އޮތުން، ދަށު ކޯޓުގެ ރެކޯޑުތަކުގައި ވާރިސުންގެ ނިންމުން ސާފުކޮށް ނެތުން، މައާފު ދިނުމަށް އެދި އެއްވެސް ވާރިސަކު އަމިއްލައަށް ކޯޓަށް ހުށަހެޅުން، ވާރިސަކު ނިޔާވުން، ފަދަ ކަންކަން ހިމެނިދާނެއެވެ.

މީގެ އިތުރުން ކޯޓުގެ ބައިވެރިވުމެއް ނެތި ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ނުވަތަ އެކަމަށް ހާއްސަ ނިޒާމެއްގެ ތެރެއިން، މައާފު ދިނުމުގެ ހައްގު އަދިވެސް އޮތްކަން ވާރިސުންނަށް އެންގޭނެ ނިޒާމެއް ރޭވިދާނެއެވެ. މަޢާފު ދިނުމުގެ އެ ހައްގު ބޭނުން ކުރަން ވާރިސުން ބޭނުން ނަމަ އެކަން ކޯޓަށް އެންގުމުގެ ފުރުސަތު އޮތްގޮތެއް އެ ނިޒާމުގެ ތެރެއިން ބުނެދެވިދާނެއެވެ. މިގޮތަށް އަމަލުކުރުމުން ދެފަރާތުގެ ހައްގުތައް ވެސް ރައްކާތެރިކުރެވެއެވެ. ކުށްވެރިޔާއަށް މައާފު ލިބުމުގެ ދޮރު ހުޅުވިފައި ބެހެއްޓުމުން އޭނާގެ ހައްގު ރައްކާތެރިވެއެވެ. ވާރިސުން ކޮންމެ މަރުޙަލާއެއްގައި ކޯޓަށް ގެނެސް ޤާތިލުގެ ކުރިމައްޗަށް ލައި މަރުގެ ހާދިސާ ތަކުރާރުކޮށް ތަހައްމަލުކުރަން ނުޖެހުމުން އެމީހުންގެ ހައްގުވެސް ރައްކާތެރިވެއެވެ.